ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ވެސް ބިނާވެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ. ހާއްސަކޮށް، އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައި ވަނީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ،“ ރައީސްގެ ހިތާބުގައި އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މީޑިއާތަކަށް ދުވަހަކު ވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އަދި މީޑިއާތަކަށް ސަރުކާރުން ވި ވައުތައް ވެސް ފުއްދަމުން އަންނަ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ހެދުމާއި މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރު ކުރާނެ މަގު ފަހިކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ދެފުށް ފެންނަ ވަކި އުސޫލެއްގެ ތެރެއިން ދޭން ނިންމުމެވެ.



