މާފުށީ ޖަލަށް 17 ފޯނު ހިމެނޭހެން ގިނަ އަދަދެއްގެ މަނާ ތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ އިއްޔެ ކ. މާފުށީ ޖަލުގެ ގޭޓު ކައިރިން ކަމަށެވެ. ހައްޔަރުކުރީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާއަށް ކުރަނީ ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހިއްސާނުކުރި ނަމަވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޖަލަށް މަނާ ތަކެތި ވެއްދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ފޯނު ފަދަ ތަކެތި ވައްދާ މައްސަލަ ބޮޑެވެ. އެ ފަދައިން ޖަލުތަކުގައި ތިބޭ މީހުން ވަގަށް އެތެރެކުރާ ފޯނުތައް ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ވެސް ވަރަށް ގިނައެވެ.




