މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ވިއްކާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެއީ 2024 ވަނަ އަހަރަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީގެ އަހަރު އެމްއެމްއޭއިން 998 މިލިއަން ޑޮލަރު ވިއްކިއިރު، 2023 ވަނަ އަހަރު 994 މިލިއަން ޑޮލަރު ވިއްކި އެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 60 ޕަސެންޓް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 651 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) އެވެ.
އެމްއެމްއޭ އިން ބުނީ، އެސްއޯއީތަކަށް ދޫކުރި ޑޮލަރުގެ ބޮޑުބައެއް ދީފައިވަނީ ތެލާއި އަސާސީ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމެންޓާއި ކުންފުނިތަކުގެ ދަރަނި ދެއްކުމަށެވެ. އޭގެ ތެރެއިން 70 ޕަސެންޓް ބޭނުންކޮށްފައިވަނީ ތެޔޮ އެތެރެ ކުރުމަށެވެ. އެގޮތުން ތެޔޮ ގަތުމަށް އެމްއެމްއޭއިން ގާތްގަނޑަކަށް 460 މިލިއަން ޑޮލަރު އެސްޓީއޯއަށް ވިއްކާފައިވެ އެވެ.
މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް އެމްއެމްއޭ އިން ވަނީ 436 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެހެންވެ، ދަރަނި އަދާކުރުމަށާއި އެސްއޯއީތަކަށް ދޫކުރި އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރައެވެ.
މިދިޔަ އަހަރު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމަށް ބޭންކްތަކަށް ދޫކުރީ 448 މިލިއަން ޑޮލަރެވެ. މިއީ 2024 ވަނަ އަހަރަށް ވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ.




