ޝްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ފުރާވަޑައިގެންފިއެވެ.
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ބައެެއް މިނިސްޓަރުން އަދި ސަރުކާރުގެ ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ލަންކާގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ރައީސް ޑިސަނަޔަކެއާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި، ޝްރީ ލަންކާގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތައް:
° ހަޔަރ އެޑިޔުކޭޝަން
° ޑިފެންސް ކޯޕަރޭޝަން
° ހާރިޖީ ދާއިރާ
° ސިއްހީ ދާއިރާ
° ކުޅިވަރާއި ޒުވާނުންގެ ދާއިރާ
ރައީސް މުޢިއްޒުގެ ލަންކާ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމާއި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.



