މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ކޮންމެ ޤައުމަކުންވެސް ހިލޭ އެހީދިނުމަށް ޚާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާއިރު ޗައިނާއިންވެސް މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން، އެ ޤައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަން ކަންކަން ވަކިން ޓެންޑަރކޮށް، ޕްރޮކިޔަރ ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ މަޝްރޫޢު މިހާރު އޮތީ ޑިޒައިނިންގެ މަރުހަލާގައިކަން ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވީ އެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މަޝްރޫޢުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަރ ކުރާނެ ކަމަށާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ހިލޭ އެހީދޭ ކަމުގައިވާނަމަ އެއީ އެ ޤައުމުގެ ޓެކްސްޕޭޔަރސްގެ ފައިސާ. އެ ފައިސާ ޚަރަދުކުރާނީ އެ ޤައުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން. އެހެންމަ އަޅުގަނޑުމެން ހިލޭ އެހީ ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެކަން ފޮލޯކުރަންޖެހޭނެ. އެއަށް އެއްބަސްވާންޖެހޭނެ، އެހެންވީމަ އެ އުސޫލުން އެ މަސައްކަތް ކުރިއަށްދަނީ. އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުންވެސް އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢު ލަސްކުރުމަށްޓަކައި ނުވަތަ މި މަޝްރޫޢު ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރޭ. ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި،“ މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.




