އަވަށްޓެރި ޝްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމްކުރުމަށް މަޝްވަރާކުރުމާމެދު ވިސްނަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޝްރީ ލަންކާއަށް އިއްޔެ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ޚާއްސަ ޚަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަދި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި، ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ އަށާއި، ޝްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާ ކަމަށެވެ. މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އާކުރުމުގެ އިތުރުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އައު، އުންމީދީ ބަދަހި ގުޅުމެއްގެ ފެށުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ލަންކާގެ ރައީސް ދިސާނާޔަކަ އާއި ރައީސް މުޢިއްޒު ވަނީ ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙީ ދާއިރާ، ދިފާޢީ އަދި ސަލާމަތީ ކަންކަން، ތަޢުލީމު، ޒުވާނުންނާއި ކުޅިވަރު، މަސްވެރިކަން، ތިމާވެށި އަދި އިޖުތިމާޢީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެލެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެން ވަނީ މަތީ ތަޢުލީމާއި ތަމްރީނު، އަރުޝީފުކުރުމުގެ ދާއިރާ، ޞިއްޙަތު، ދިފާޢީ ކަންކަން، ޒުވާނުންނާއި ކުޅިވަރު އަދި ފަތުރުވެރިކަން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ. އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ވަރަށް ސާފު ކަމެއް. އެއީ މި އެއްބަސްވުންތަކުގެ ނަތީޖާ ދެޤައުމުގެ ރައްޔިތުންނަށް ފެންނާނެހެން އެކަންކަން ޢަމަލީގޮތުން ތަންފީޒުކުރުން. އިޤްތިޞާދީ އެއްބާރުލުމަކީ މިއަދުގެ މަޝްވަރާތަކުގެ މައިގަނޑު އެއް ތަނބު. ދިވެހިރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރަށާއި، ހަމައެފަދައިން ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. މުސްތަޤްބަލަށް ބަލާއިރު، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކޮށް، އައު ފުރުޞަތުތައް ހޯދައިދީ، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. މާދަމާ ބާއްވާ ’މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް‘ ވެގެންދާނީ ދެޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށް. އަދި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ސްރީލަންކާގައި ހުޅުވުމާއި، ދިވެހިރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ތަޢާރަފްކުރުން ފަދަ ޢަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުން. ހަމައެއާއެކު، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފަރަޤު ކުޑަކޮށް، ހަމަހަމަ އަދި ދެފަރާތަށްވެސް ފައިދާހުރި ގުޅުމެއް އޮތުމުގެ މުހިންމުކަން އަޅުގަނޑު ފާހަގަކުރިން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންކަމަށްވާއިރު، މަތީ ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންގ، މުސްތަޤްބަލުގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރު ތަރައްޤީކުރުން އަދި މުއައްސަސާތަކުގެ ދެމެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް އެއްބަސްވި ކަމަށާއި ދެ ޤައުމުގެ މަޤްޞަދަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް އަޅުގަނޑުމެންގެ ޒުވާނުންނަށް ހޯދައިދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފަރަޤު ކުޑަކޮށް، ހަމަހަމަ އަދި ދެފަރާތަށްވެސް ފައިދާހުރި ގުޅުމެއް އޮތުމުގެ މުހިންމުކަން އެ މަޝްވަރާތަކުގައި ފާހަގަކުރެއްވި ކަމަށެވެ.
ލަންކާގެ ރައީސް ދިސާނާޔަކަ އާއި ރައީސް މުޢިއްޒު ވަނީ ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙީ ދާއިރާ، ދިފާޢީ އަދި ސަލާމަތީ ކަންކަން، ތަޢުލީމު، ޒުވާނުންނާއި ކުޅިވަރު، މަސްވެރިކަން، ތިމާވެށި އަދި އިޖުތިމާޢީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



