ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
ޝްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ޤައުމުގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކައާއެކު ރައީސް މުޢިއްޒު ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވައްޓެރި ގުޅުން އާ ހަރުފަތަކަށް ގެންގޮސް، ކުރިމަގަށް އަމާޒުކުރެވޭ ބަދަހި ޕާޓްނަޝިޕެއްގެ ފެށުން ކަމަށެވެ.
ރާއްޖެއާއި ޝްރީ ލަންކާއާއި ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައިއެވެ.
”ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައި. އެގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުން، އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ދޭ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ދެ ގައުމުންވެސް މަސައްކަތްކުރާނެ ކަމަށެވެ.
ރައީސް މުޢިއްޒު ސްރީލަންކާއަށް އިއްޔެ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި ސޮއިކުރި ހަތް ފަހުމުނާމާތަކަކީ:
° ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
° އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
° މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްޤީކުރުން
° ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
° ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
° ދިފާޢީ ދާއިރާގެ ތަޢުލީމާއި، ތަމްރީނާއި، ދިރާސާކުރުމުގެ އެއްބަސްވުން އާކުރުން
° ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުން



