ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެއަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވީ، ”އެކްސް“ މެދުވެރިކޮށް އެ ޤައުމުގެ ބަހުން މިއަދު ހެނދުނު ކުރެއްވި މެސެޖެެއްގައެވެ.
ރައީސް މުޢިއްޒު ކުރެއްވި މެސެޖުގައި ވިދާޅުވީ އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.

މި ދަތުރުފުޅުގައި ލަންކާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުން، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދައް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގައި އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ދެ ޤައުމުން ގުޅިގެން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އެކަންކަމުން ފައިދާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަމުގެ ޒަމާންވީ ގުޅުން އަބަދަށް ދެމިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސްގެ ދައުވަތަކަށް މި މަހުގެ 3 ވަނަ ދުވަހު ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ.



