ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާ ކުރުމުގެ ޚާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރޭގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ، ކޮލަމްބޯގެ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.
މި ހަރަކާތުގައި ސްރީލަންކާގައި ތަފާތު ވައްތަރުގެ ސައި ކެއްކުމުގެ ވައްޓަފާޅި ދައްކާލުމުގެ އިތުރުން ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންދެވިއެވެ. އަދި ކިޔަވާ ކުދިންގެ ފަރާތުން ”ޓުމޯރޯސް ކޮލަންބޯ“ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށް ދިޔައެވެ.
މިހަފުލާގެ ތެރެއިން ފަސްޓް ލޭޑީއާއި މޭޔަރު ވަނީ، އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ދެ ބޭފުޅުންވެސް ވަނީ، ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމް އައުކުރައްވާފައެވެ.
މެޑަމް ސާޖިދާ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޚަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެރުއްވި ދައުވަތަށާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެ ވަޑައިގެންނެވި ހަފުލާއެކެވެ.




