ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާ އެކު ނިންމަވާލައްވައިފިއެވެ.
ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެ ދެއްވި ޚާއްސަ ދައުވަތަކަށް ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދެއް އެ ޤައުމަށް ފުރާވަޑައިގަތީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަނީ ރާއްޖެއާއި ސްރީލަންކާއާ މުހިންމު 7 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެގޮތުން ފަތުރުވެރިކަމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތަކާއި، ތަޢުލީމާއި ކުޅިވަރުގެ އިތުރުން ފަންނީ ތަރައްޤީއާއި އަރުޝީފުކުރުމާ ގުޅޭގޮތުން ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ކުރިން، ދެ ޤައުމުގެ އިސްވެރިން ވަނީ ރަސްމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އަދި އޭގެފަހުން ދެ ރައީސުން ވަނީ ޚާއްސަ ބަޔާނެއް ވެސް ދެއްވާފައެވެ.
ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ގެނެސްދިން މި ދަތުރުފުޅުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްކުންފުނި (މިފްކޯ) ގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ނެރުމާއެކު، ދެ ޤައުމުގެ 300 އެއްހާ އިންވެސްޓަރުންނާއެކު ޚާއްސަ ”ބިޒްނަސް ފޯރަމް“ އެއްވެސް ވަނީ ބާއްވާފައެވެ.
ރާއްޖެއާއި ލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ދެ ޤައުމުގެ ރައީސުން ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ޚާއްސަ ގަހެއް ކަމަށްވާ ”ހޯސްފީލްޑިއާ އިރީއޫގެޑީ“ އިންދަވައިދެއްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތްނަގެ އިތުރުން ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.




