މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 7.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު ޝާއިއުކުރާ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އޭޕްރީލްގެ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 ޕަސެންޓުގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ)އިން ލިބުނު އާމްދަނީ އިތުރުވުމެވެ. މިގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 11.7 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޖުމްލަ ޓެކްސް އާމްދަނީ 30 އޭޕްރީލްގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 ޕަސެންޓުގެ އިތުރުވުމެކެވެ.
ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ 3.3 ބިލިއަން ރުފިޔާއިން ތިން ބިލިއަނަށް ދަށްވެފަ އެވެ.
ދައުލަތަށް ލިބުނު އާމްދަނީއަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތުގެ ހަރަދުތައް ވެސް ވަނީ އިތުރުވެފައެވެ.




