ރާއްޖޭގެ ސަރަހައްދުން ކަނޑުން ބައެއް ގެއްލުނު މައްސަލަ މިހާރު އޮތީ އިންޓަނޭޝަނަލް ލޯޔަރުންނާ ހަވަަލު ކުރުމުގެ މަރުހަލާގައި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެކަމާ ބެހޭ އަޕްޑޭޓަކީ ކޮބާތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި ރައީސް އޮފީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރައްވާފައި ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ތަޖުރިބާކާރުންނާއި ބޭރުގެ ތަޖުރިބާކާރުން އުފައްދާފައިވާ އެ މަސައްކަތުގެ ރިޕޯޓެއް ކެބިނެޓަށް ހުށަހަޅައި، ކެބިނެޓުގެ ރިކޮމޮންޑޭޝަން ރިޕޯޓެއް ތައްޔާރުކުރިކަމަށެވެ.
”އެ ރިކޮމޮންޑޭޝަނާ އެއްގޮތަށް ނިންމުންތަކެއް ވެސް އެބަހުރި. އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި އިންޓަނޭޝަނަލް ބައެއް ލޯޔާސް އަދި ތަޖުރިބާކާރުންނާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ“ އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، އެ އިދާރާގެ ޓީމެއް މިވަގުތުވެސް އެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނެ ގޮތާބެހޭގޮތުން އިތުރު ތަފްސީލީ މައުލޫމާތު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ހާމަކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.


