ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައަށް ފަސް އަހަރުވެފައިވާއިރު، އެ މަނިކުފާނަށް އޭރު ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތަށް، މިހާރު ހާލު ރަނގަޅުވެފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ މެއި 6، 2021ގައެވެ. އެއީ އެ މަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.
ބޮން ގޮއްވައިލާފައިވަނީ ރައީސް ނަޝީދު، ސައިކަލާ އަރައިހަމަވި ތަނާއެވެ. އެ ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
އެގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
”އެކްސް“ ގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ، އެ މަނިކުފާނަށް ދިން ހަމަލައަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ފަސް އަހަރުތެރޭ އެ މަނިކުފާނުގެ ހާލުކޮޅު އެއްކޮށް ރަނގަޅުވާނެ ކަމަށާއި، ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، އެ މަނިކުފާނުގެ ކަނާތު އަތުގެ ތިން އިނގިއްޔަކަށް ފަހުން ވެސް ސަމާލުވާން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.
”ޑޮކްޓަރުން ލަފާކުރެއްވި ގޮތް ރަނގަޅު، އަވަސް ޝިފާއެއް މިންވަރުކުރެއްވީތީ މާތް الله އަށް ޝުކުރު ދަންނަވަން،“ ނަޝީދުގެ ޕޯސްޓުގައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.




