”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފަށް ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގެ ތަހުގީގަށް އީޝާ މިއަދު ވެސް ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެފައެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.
ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގަށް އީޝާގެ ބަޔާން ނެގިއިރު ފުލުހުން މައިގަނޑު ގޮތެއްގައި ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ތިން ސުވާލެއްކަން ވިދާޅުނުވި ނަމަވެސް ޝަމީމް ވިދާޅުވީ އެ ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށެވެ.
”ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއްވާ،“ ޝަމީމް ވިދާޅުވިއެވެ.
”ދެން އަޅުގަނޑުމެން ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ!“ ޝަމީމް އިތުރަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިއަދު ޝަމީމް ވިދާޅުވީ އީޝާއަކީ ވިކްޓިމްކަން ތަފްސީލްކޮށްދެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.
”އިއްޔެ ވެސް ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ކްލަޔަންޓް ވިކްޓިމަށް ވާކަމަށް ގަބޫލުކުރާ ކަމަށް. ޓެކްސްޓް ފޮތް ތަކުގައި ވެސް [ވިކްޓިމްއަކަށް ވާ ގޮތް] ބަޔާންކޮށްފައި އެބަހުރޭ. އަނިޔާކުރާ މީހާ އަނިޔާ ލިބޭ މީހާއަށް ކުރާ މައިގަނޑު ކަންތައްތަކެއް ހުރޭ. ނަފްސާނީ އަނިޔާ ދިނުން. އެކަހެރި ކުރުން. ނަފްސާނީ ގޮތުން ވިޔަސް ފައިސާގެ ގޮތުން ވިޔަސް ޑިޕެންޑެންސީ ކްރިއޭޓްކުރުން، ބިރުދެއްކުން. އިންޒާރުދިނުން. މަގާމުގެ ނުފޫޒު ބޭނުންކުރުން،“ ޝަމީމް ވިދާޅުވިއެވެ.
ދިފާއުވުމުގެ ފުރުސަތު ފުލުހުން ނުދިން ނަމަވެސް އެހުރިހާ ކަމެއް ވެސް ތަހުގީގީ މަރުހަލާގައި ކިޔައިދޭން ބޭނުންވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވިކްޓިމްއަކީ ކާކުކަން ހެއްކާއެކު ސާފުކޮށްދެއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.



