އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ވިޔަފާރި ފޯރަމެއް މި މަހުގެ 14 އަދި 15 ވަނަ ދުވަހު އައްޑޫގައި ކުރިއަށްގެންދަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރާއި އަންނަ އަހަރަކީ އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް އެ ސަރަހައްދުގައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫ ނޫނަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާކޮށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް އިންސެންޓިވްތަކެއް ތައާރަފުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
”އެހެންވީމާ އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ“ ސައީދު ވިދާޅުވިއެވެ.
މި ފޯރަމުގައި އިންވެސްޓުމެންޓާއި ވިޔަފާރިއާ ގުޅޭ މައުލޫމާތުތައް ދިނުމުގެ އިތުރަށް މަސައްކަތްތެރިކަމާއި ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ މައުލޫމާތުތައް ދިނުމަށްވެސް ހަމަޖެހިފައިވާތީ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިންވެސް މި ފޯރަމުގައި ބައިވެރިވާނެ ކަމަށެވެ.



