ފ. ފީއަލީގައި މިދިޔަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ.
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، މުޅި ސަރަހައްދަށް ފެތުރުނު ބޮޑު އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޑެލޯވާ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަަޒުގައެވެ. ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އައީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އެނގިފައިވާ ގޮތުގައި، ނިލަންދޫ ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރުވެސް، ހަށިގަނޑުގެ 60 އިންސައްތަ އޮތީ ފިހިފައެވެ.
ޑެލޯވާ މަރުވެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.
ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، ފީއަލީގާއި ހިނގި އަލިފާނުގެ އެ ހާދިސާގައި، ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އެހެން ބައެއް އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. އަދި އެ ރަށުގެ ބަނދަރުގައި ހަދާފައިވާ އައިސް ޕްލާންޓުގައި ވެސް ރޯވެ، އެއްކޮށް ވަނީ އަނދާފައެވެ.




