މިދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ރޯގާ ގަދައަށް ފެތުރެމުންދާއިރު ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގެ ކުރިން، ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން ބުނި ގޮތުގައި، ވައިރަސްއަކުން ޖެހޭ މި ރޯގާ، މި ދުވަސްވަރު ދަނީ އިތުރުވަމުންނެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މިދުވަސްވަރު އިންފްލުއެންޒާ ބަލި ވަރަށް ގިނަ ކަން ފާހަގަ ކުރައްވައި ޑރ. މުހައްމަދު އަލީ، ސޯޝަލް މީޑިއާ މެދުވެރިކޮށް އެދިވަޑައިގެންނެވީ އީދު ބަންދުގެ ދެ ހަފުތާކުރިން އިންފްލުއެންޒާ ވެކްސިން ޖެހުމަށެވެ.
”ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ނަގާނެ،“ ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
އީދު ބަންދުގެ ކުރިން ވެކްސިން ޖެހުމަށް އޭނާ އެދިވަޑައިގެންނެވީ އިންފްލުއެންޒާ ރޯގާއަކީ ފަސޭހަކަމާ އެކު ފެތުރޭ ބައްޔަކަށް ވެފައި، އީދު ބަންދު ފަދަ ހަލަބޮލި ދުވަސްވަރެއްގައި ބަލި ޖެހުން އިތުރުވެދާނެތީ ކަމަށް ބެލެވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު ދެ ވައިރަސްއަކުން ޖެހޭ ބަލިތަކެކެވެ. އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާއިން ކުރާ އަސަރު ބޮޑުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ބަލީގެ އަލާމާތްތަކަކީ ހުންއައުމާ އެކު ރޯގާ ޖެހުމާއި ގައިގާ ރިއްސުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމެވެ. މި ބަލީގެ އެންމެ ނުރައްކާ ބޮޑު ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި ހަކުރުބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ.
އިންފްލުއެންޒާއިން ރައްކާތެރިވުމަށް:
° ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
° ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން
° ސާފުތާހިރުކަމަށް ސަމާލުކަންދިނުން
° ބަލިވެއްޖެނަމަ ގިނައިން ދިޔާ އެއްޗެހި ބުއިން އަދި ބަލި ބޮޑުވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން



