މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންހިފާ ކަމުގެ ހެއްކެއް ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިޔަސް، އެއީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ”ޕްރެސާ ވިތު ސްޕޮކްސް“ ބައްދަލުވުމުގައި މުންދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރުޓީއައިގެ ބޭނުން ނަހަމަ ގޮތުގައި ބައެއް މީހުން ކުރާ ކަމަށް އޭނާ ވިދާޅުވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާފައި ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދުގެ ހިޔާލަށް އިހުތިރާމް ކުރެއްވި ނަމަވެސް، އެ ބޭފުޅާއާ ހިޔާލު އެއްގޮތަށް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
”ކޮމިޝަނާ ވިދާޅުވި ވާހަކަ އަށް އިހުތިރާމުކުރަން، އެއީ އެ ބޭފުޅާގެ ރައުޔު،“ ތަރުޖަމާނު ވިދާޅުވިއެވެ.
މުންދު ވިދާޅުވި ގޮތުގައި، ވަރަށް ގިނަ އާރުޓީއައި ހުށަހަޅަން ޖެހޭ އިދާރާ ނޫން އެހެން ތަންތަނަށް ހުށަހަޅަ އެވެ. އެއް މައުލޫމާތެއް ހޯދަން އެއް އިދާރާއަށް ވުރެ ގިނަ އިދާރާތަކަށް ފޮނުވާ މައްސަލަ ވެސް ބޮޑު ކަމަށާއި ކާކުކަން ނޭނގޭ ގޮތަށް ތަކުރާރުކޮށް ވެސް މައުލޫމާތު ހޯދަން ހުށަހަޅާ ކަމަށް ވިދާޅުވި އެވެ. އަދި ވަކި ނިޔަތެއް އޮވެގެން މައުލޫމާތު ހޯދަން ހުށަހަޅާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އެއް ވާހަކައެއް، އެކި އައިޑެންޓިޓީތަކުގައި ރިޕީޓެޑްކޮށް އެބަހުރި، 50 [ފަހަރު]، އެއް ދުވަހެއްގެ މަތިން އެއް ސުވާލެއް އެކި މީހުންގެ ނަމުގައި ކޮށްފައި. ދެން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ އެއީ އިއްތިފާގެއް ނޫން ކަން ދެއްތޯ،“ މުންދު ވިދާޅުވިއެވެ.
މުންދު ހިއްސާކުރެއްވި އާރްޓީއައިގެ ބައެއް ތަފާސްހިސާބުތައް:
° މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރްޓީއައި ހުށަހަޅާފައިވޭ
° 233 އާރްޓީއައިއަކަށް ވަނީ ޖަވާބު ދީފައި
° މިވަގުތު ޖަވާބު ނުދެވި ހުރި 55 އާރްޓީއައިގެ ތެރޭގައި މައުލޫމާތު އެއްކުރަމުން އަންނަ އެއްޗެއްސާއިި ވަގުތުން ޖަވާބެއް ދޭން އުނދަގޫ އެއްޗެހި އެބަހުރި




