ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. އެތަނުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.
ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތްތަކާގުޅޭގޮތުން ނޫސްވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް މިނިސްޓްރީ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުއެއް ނާރާ ކަމަށާއި އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
”އެ ބޭފުޅުން (ކަމާގުޅުންހުރި ވުޒާރާ) ދެއްވި މައުލޫމާތަކީ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް“ ތަރުޖަމާނު ވިދާޅުވިއެވެ.
މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގައެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.
ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، ”މަންހަޓަން ގްރޭންޑު“ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ، ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވައުދެއް ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.




