ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައި ގަދަވެފައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި މިހާރުވެސް ދަނީ ވައި ގަދަވަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ’ލޯޕްރެޝާ ޓްރަފް’ގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި މޫސުމީ ބަދަލުތަކާއެކު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ޚާއްސަކޮށް މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް، ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.



