އަންނަ ޖޫން މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ ޖޫން މަހުން ފެށިގެން އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މާލެ ސިޓީގެ ރައްޔިތުންނާ ކަމަށާއި އެގޮތުގެމަތިން މާލޭގެ ފަހަރަކު އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”ރައްޔިތުންނާ އަނެއްކާވެސް އަންނަ މަހުން ފެށިގެން ބައްދަލުކުރައްވަން އަޅުގަނޑުވަނީ ނިންމަވާފަ. އެގޮތުން ކޮންމެ ހަފްތާއަކު އެއްދުވަހު ނުވަތަ ވަގުތު އޮތް ވަރަކުން ބައްދަލުކުރާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަނެއްކާވެސް ރަށްރަށަށް ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައްވެސް ކުރީ އަހަރެކޭ އެއްފަދައިން ކުރައްވާނެ ކަމަށެވެ.
އަންނަ މަހުން ފެށިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް މުޢިއްޒު މިއަދު ހާމަކުރެއްވިނަމަވެސް، ބައްދަލުކުރައްވަން ފައްޓަވާނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.




