ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނު، މިއަދު ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
ނިމިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ބޮޑު ލޯންގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުން 40 ދުވަހުގެ ތެރޭގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އާއި އިންޑިއާގެ 50 މިލިއަން ޑޮލަރާއެކު، ޖުމްލަ 974 މިލިއަން ޑޮލަރުގެ ލޯން ދައްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ބާކީ އޮންނާނީ އެންމެ 50 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހު ދައްކަން ޖެހޭ އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ 17 ސެޕްޓެމްބަރުގައި އެ 50 ވެސް އަޅުގަނޑުމެން ދައްކައި ނިންމާނަން. އެހެންވީމަ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި 150 މިލިއަން (ޑޮލަރު) ގެ ދަންތުރައިން ސަލާމަތްކޮށް މި ނިންމަނީ. ހަމައެފަދައިން ސުކޫކް ވެސް ޕޭކޮށް ނިންމީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށެވެ. ރައްޔިތުންގެ ބޮލުގައި މީގެކުރިން އަޅުވާފައި ހުރި މިފަދަ ދަރަނިތަކުން ސަލާމަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.




