ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އޮނިގަނޑުތަކާއި ސަރަޙައްދީ އެއްބާރުލުން ނުހަނު ބޭނުންކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފެށުމައް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މިނިސްޓަރު އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރުވަނީ މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ޚާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




