”އަދަދު“ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރު ނެރުނީ، އެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލާފައިވާތީ، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
ރައީސް އޮފީހުން މީޑިއާތަކަށް ރޭގައި ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަދަދު ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާތީ އާއި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން، ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ރައީސްގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް އިއްޔެއިން ފެށިގެން ނުވައްދަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.



