މިއަހަރުގެ އެޕްރީލް މަހު ދައުލަތައް ލިބޭނެކަމަށް ލަފާކުރި އާމްދަނީއާއި އަޅާބަލާއިރު އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ %16 އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ދައުލަތުގެ އާމްދަނީގެ ތަފާސްހިސާބުތައް މީރާއިން މަހުން މަހަށް ދަނީ އާންމު ކުރަމުންނެވެ.
މީރާއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އެޕްރީލް މަހު ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ޑޮލަރު އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 120.70 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަޅާ ބަލާނަމަ %0.3 ދަށް އަދަދެކެވެ.
އާމްދަނީ ދައްވުމުގައި އެޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %19.8 ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ސީއެސްއާރް ފީގެ ގޮތުގައި ލިބުނު ވަރު މަދުވުން މީރާއިން ފާހަގަކުރެއެވެ. އަދި ޓެކްސް އާމްދަނީންވެސް މަދުވެފައިވާކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެޕްރީލް މަހު ލިބުނު އާމްދަނީއަށް މިދިޔަ އަހަރާއި އަލާބަލާއިރު ބޮޑު ފަރަޤެއް އައިސްފައި ނުވިނަމަވެސް، މިއަހަރު އެޕްރީލް މަހު މި އާމްދަނީ ދައްވާނެކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.
މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. ނަމަވެސް މިއާމްދަނީ ވަނީ %16.6 އިތުރެވެ. އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޖީއެސްޓީއާއި ފަތުރުވެރިކަމުގެ ކުލީގެ އާމްދަނީގެ އިތުރުން ވޯކް ޕާމިޓް ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ޓެކްސް ދެއްކުމުގެ މުހްލަތު ހަމަވެފައިވާ ފައިސާއިންވެސް ބޮޑުބައެއް މިދިޔަ މަހުގެ ތެރޭގައި ލިބުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.



