އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅުތަކުގެ ހިންގުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ބަދަލު ކުރުމުގެ ކުރިން އެ އޮތޯރިޓީގެ އިދާރީ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް އިސްލާހެއް ހުށަޅައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ. މި ބިލުގައި އޮތީ މައިގަނޑު ދެ ބަދަލެކެވެ.
އެއީ:
1- އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ގެނައުމަށް
2- ކައުންސިލްތަކުގެ މެންޑޭޓްގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމެނުމަށް
ލާމަރުކަޒީ ގާނޫނުގެ ގާނޫނު 61 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުން، އެލްޖީއޭގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އެ އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށާއި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެލްޖީއޭގެ ބޯޑަށެވެ.
ހަމަަދު އިސްލާހު ހުށަހެޅުއްވީ، އެ މާއްދާ ގާނޫނުން އުނިކުރުމަށެވެ. އަދި އޭގެ ބަދަލުގައި އޭނާ ހުށަހެޅުއްވީ:
° އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރަނީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް
° އޮތޯރިޓީގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގަ އާއި މުވައްޒަފުންނާ ގުޅޭ އެ ނޫން ވެސް ކަންކަމުގައި ސިވިލް ސާވިސް ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާން ކުރާ ޒިންމާދާރުވެރިޔާގެ ދައުރު އަދާ ކުރަނީ އެ އޮތޯރިޓީގެ ސީއީއޯ
° އެ ތަނުގެ މުވައްޒަފުންގެ މަގާމުތަކާއި އެ މަގާމުތަކުގެ ގިންތި، ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރާ މުވައްޒަފުންގެ މަގާމުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު އޮންނާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯއަށް؛ އެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސް ކުރަން ޖެހޭ




