ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން އަބަދުވެސް ފެންނަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އިއްޔެ ތިމާ އަމަލުކުރި ގޮތާއި މިއަދު ދައްކާ ވާހަކަ ދިމާނުވުމެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދާދިފަހުން ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ މީގެ ސަރީހަ މިސާލެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅަކީ، އެމަނިކުފާނުގެ ވެރިކަމުގެ ”ކަޅު މާޒީ“ ދަންނަ އެއްވެސް މީހަކަށް ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ.
އަދި މި ދައްކަނީ މާ ދުރު މާޒީއެއްގެ ވާހަކައެއްވެސް ނޫނެވެ. މީގެ 10 ވަރަކަށް އަހަރު ކުރީގެ ވާހަކައެކެވެ. ޔާމީންގެ ވެރިކަމުގައި ނޫސްވެރިން އޮބަހެއްޓި މިންވަރު ރައްޔިތުން އަދި ހަނދާނެއް ނުނެތެއެވެ.
އަބުރުގެ ގާނޫނު: ނޫސްވެރިކަމުގެ ކަފުން

ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް ދިން އެންމެ ބޮޑު ހަމަލާއަކީ ”އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު“ އެވެ. މިއީ ނޫސްވެރިންގެ ދޫ ބަންދުކޮށް، ސަރުކާރަށް ފާޑުކިޔާ ކޮންމެ ނޫހެއް ޖޫރިމަނާގެ މަޅީގައި ޖައްސަން ހެދި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން، މިލިއަނުން ނޫސްތައް ޖޫރިމަނާކޮށް، ދައުލަތަށް ފައިސާ ނުދެއްކިގެން ބައެއް ޓީވީ ސްޓޭޝަންތައް (މިސާލަކަށް ރާއްޖެ ޓީވީ) ބަންދުކުރަން ޖެހޭ ހިސާބަށް ކަންތައް ގެންދިޔައެވެ. އަބުރުގެ ގާނޫނުގެ ނިވަލުގައި، ޔާމީން ސަރުކާރުގެ ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދިޔައީ ނޫސްވެރިންނަށް ”ހޭއަރުވާލަމުންނެވެ“.

ނޫސްވެރިންނަށް ބިރުދެއްކުމާއި މަރުގެ އިންޒާރު
ޔާމީންގެ ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ތާރީހުގައި ނޫސްވެރިންނަށް އެންމެ ބިރުވެރި ދުވަސްވަރެވެ. ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު ރަހުމްކުޑަގޮތަކަށް މަރާލެވުނު އިރު، އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެ ސަރުކާރުން ވަނީ ފަސްޖެހިފައެވެ. އަދި އެކަންކަން ތަހުގީގު ކުރުމަކީ މާ މުހިންމު ކަމެއް ނޫން ކަމުގައި ދޭހަވާ ފަދައިން އެތައް ފަހަރަކު ކުރީގެ ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވަފާއެވެ. ނޫސްވެރިންނަށް މަގުމަތިން ބިރުދެއްކުމާއި، ހައްޔަރުކުރުމާއި، އަދި ”ވަގުތު“ ނޫހާއި ”ހަވީރު“ ފަދަ ނޫސްތަކުގެ ހިންގުމަށް ހުރަސްއެޅުމަކީ އެ ދުވަސްވަރުގެ އާންމު ހާލަތެވެ.

”ހަވީރު“ ނޫސް ބަންދުކުރުން
ރާއްޖޭގައި އެންމެ ދުވަސްވީ ނޫސް ”ހަވީރު“ ބަންދުކުރަން ޖެހުނު ހާލަތަކީ ވެސް ޔާމީންގެ ސަރުކާރުގެ ނުފޫޒު ޝަރުޢީ ނިޒާމުގެ ތެރެއަށް ވަދެފައި އޮތް މިންވަރު ހާމަވި ކަމެކެވެ. އެތައް ނޫސްވެރިންނެއްގެ ވަޒީފާ ގެއްލި، ރާއްޖޭގެ ނޫސްވެރިކަމުގެ ބޮޑު ތާރީހެއް އެދުވަހު ފުހެވިގެން ދިޔައީ ސީދާ ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުންނެވެ.

މިއަދުގެ ހާލަތު: އަޅާކިޔުމެއް
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރަސްމީކޮށް ނޫސްވެރިންނާ ބައްދަލުކޮށް، ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތް އިރު، ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނަށް ޕްރެސް ކޮންފަރެންސްތަކުން ޖާގަ ލިބުނީ ވަކި ބަޔަކަށެވެ. އަދި ސުވާލުކުރާ ނޫސްވެރިޔާއަށް އިންޒާރު ދިނުމަކީ އޭރުގެ ވަޒީރުންގެ އާދައެކެވެ. ޕްރެސް ކޮންފަރެންސް އެއްގައި ކޮށްލާ ސުވާލަކާ ގުޅިގެން ނޫސްވެރިންނަށް ގުޅާ ބިރުދައްކާ މަރުގެ އިންޒާރުދީފައި އެބަހުއްޓެވެ.
ޔާމީން މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ”ޗެމްޕިއަނަކަށް“ ވެވަޑައިގެން ދައްކަވާ ވާހަކަފުޅަކީ، އަމިއްލަ ވެރިކަމުގައި ނޫސްވެރިންގެ ކަރުގައި ހިފި ހިފުން ރައްޔިތުން ހަނދާން ނެތުނީ ކަމަށް ހީކުރައްވައި ދައްކަވާ ވާހަކަފުޅެކެވެ. ހަގީގަތަކީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ނިގުޅައިގަތް ވެރިޔަކީ ޔާމީން ކަމެވެ. މިއީ ތާރީހުގައި ހެއްކާއިއެކު ފެންނަން އޮތް ކަމެކެވެ. އެހެންކަމުން، މިއަދު އެ މިނިވަންކަމުގެ ދިފާޢުގައި އެމަނިކުފާނު ވާހަކަދެއްކެވުމަކީ، ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވާ ފަދައިން ރައްޔިތުން ”ހޮޑުލަވާ“ ކަމެކެވެ. ބޮޑު ޖޯކެކެވެ.




