ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ދިވެހި ސިފައިންގެ ޑައިވަރުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ދެ ފަންނީ މާހިރުން ފޮނުވަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ޑައިވަށް ދިޔަ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ދެން ތިބި ހަތަރު މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން ދަނީ އަދިވެސް ކުރިއަށެވެ.
އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، މިއަދު ވެސް ހެނދުނު 10:30އިން ފެށިގެން ސިފައިންގެ ޑައިވަރުން، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”އިއްޔެގެ ޑައިވުން ހޯދުނުގެ ކުރިއެރުންތަކުގެ މައްޗަށް ބަލާ މިއަދުގެ ޑައިވް ކުރިއަށް ގެންދާނީ އެބޭފުޅުން“ މުންދު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިން ބަލަމުން ދަނީ އެ މީހުން ވަދެ ތާށިވި ކަމަށް ބެލެވޭ ކަނޑު އަޑީގެ ކޭވްއެކެވެ.
އެ ކޭވްއަށް ވަންނަ ދިމާ ނުވަތަ އަނގަމަތި ހުންނަނީ 45-50 މީޓަރު ފުނުގައެވެ.
އެ ކޭވްގެ ބައެއް ދިމާތައް ދެ ކަފިވެފައި ވެސް ހުރިއިރު އެތަނުގެ އެތެރޭގައި އާންމުކޮށް ހުންނަނީ ދެ މީޓަރާ ހަތަރު މީޓަރާ ދެމެދު ފުޅާމިނެވެ. އެއީ 200 މީޓަރު ދިގު ކޭވެކެވެ. އަދި ހަނި ސަރަހައްދުތަކުން ގޮސް ނުކުމެވޭ ހޮހޮޅައިގެ މައި ހިސާބުގައި 70 މީޓަރު ވެސް ހުރެއެވެ.
”އެއްވެސް ވަރަކަށް އައްޔެއް ވެސް ކޭވްގެ ތެރޭގައި ނުހުރޭ. އެއްބައި ޑައިވަރުން ހޮހޮޅައިގެ ވަންނަތަކުގައި ތިބެފައި އަނެއްބައި ޑައިވަރުން ފައިބަނީ އެތެރެއަށް. އެކަހަލަ ގޮތަކަށް ކުރިއަށް ގެންދަން މިޖެހެނީ“ މުންދު ވިދާޅުވިއެވެ.
އިސްތަރުޖަމާނު އިތުރަށް ވިދާޅުވީ، ސިފައިންގެ ޑައިވަރުންނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ދެ ތަޖުރިބާކާރަކު ފޮނުވަން މިހާރު ނިންމާފަސިވާ ކަމަށެވެ. އަދި އެކަމަށް ނިންމަން ޖެހޭ އެންމެހާ އިންތިޒާމްތައް ނިންމައި ކަންކަން މިހާރު ފައިނަލްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.




