ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އިބްރާހިމް މުހައްމަދު ޞާލިހު ގުޅިވަޑައިގެން ނެރުއްވި ބަޔާނަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، ރޭގައި ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފަ އެވެ. އަދި ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ތިން ރައީސުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލުކުރަން ޖެހުނީ ތިން ރައީސުން އެދިލައްވާ ގޮތަށް ކަމަށެވެ.
އެ ނޫން ގޮތަކަށް ސުވާލު ކުރުމުން އެކަން ހުއްޓުވާފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ވާހަކައާ ރައީސް ޞާލިހު އެ މަރުތައް ތަހުގީގު ނުކުރި ވާހަކަ ބުނުމުން ވެސް ގޯސްވި ކަމަށް ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ނަޝީދުގެ ވެރިކަމުގައި ގާޒީއަކު ”ވަގަށް ނަގައިގެން“ ޖަލަށްލައި، ކޯޓުތަކުގައި ތަޅުއަޅުވައި އަދި ކޯޓުތައް އަންދާލި ބޭފުޅަކަށް ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކޭނެ ޖާގައެއް ނެތް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލުމާއި ކޮރަޕްޝަނާއި ވައްކަންތަކަކީ ފެންނަން އޮތް ހަގީގަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނާ ގުޅޭގޮތުން ފަލާހް ވިދާޅުވީ ކޯޓުތަކުގެ ޓިނު ނެގުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުމާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަކިކޮށް މަޖިލިސް ހިސޯރުކުރީ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
އަދި ރައީސް ޔާމީންގެ ގެކޮޅަށް ނުސީދާކޮށް، އިޝާރާތް ކުރައްވައި، ފަލާހްގެ ޕޯސްޓްގައިވަނީ އެގެއަށް ބަލާލުމުން ދައުލަތުން ”ވަގަށް ނެގި“ ފައިސާގެ ކުޑަ މިންވަރެއް ފެންނާނެ ކަމަށެވެ. އަދި ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އަޅައި އަމިއްލަ ބޭބޭފުޅުން ހިމެނޭހެން އެތައް ބަޔަކަށް އަނިޔާކުރި ކަމަށްވެސް ފަލާހް ތުހުމަތު ކުރެއްވި އެވެ.
ކުރީގެ ރައީސް ޞާލިހުގެ ވެރިކަމުގައި ގައުމު 60 ބިލިއަން ރުފިޔާގެ ދަރަނި ދަންތުރައެއްގައި ޖެއްސި ކަމަށާއި އަދި ވައްކަން ކުރުމާއި ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދިނުމުގެ ނަމުގައި ކުރީ ވައްކަން ކަމަށް ފަލާހްގެ ޕޯސްޓްގައިވެއެވެ.
ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލައި، ފޯޅަވަހި ދޫކޮށްލީ ފައިސާއަށް ކަމަށް ބެލެވޭ ކަމަށާއި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރީ ވެސް ޞާލިހުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން،“ އެ ޕޯސްޓްގައި ފަލާހު ވިދާޅުވިއެވެ.
ތިން ރައީސުން ބައްދަލު ކުރައްވައި، ނޫސްވެރިންނާ ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.




