ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ރޭލު ދަތުރުކުރާ ހިސާބެއްގައި، މުދާ އުފުލާ ރޭލަކާއި ބަހެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން އަށް މީހުން މަރުވެ، 32 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އެގައުމުގެ ރެސްކިއު އޮފިޝަލުންނާއި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް އެ ޤައުމުގެ އޮފިޝަލުން މަޢުލޫމާތު ދިން ގޮތުގައި، އެއާޕޯޓް ރޭލް ލިންކްގެ މައްކަސަން ސްޓޭޝަން ކައިރިން ހިނގި މި ހާދިސާގައި ބަހުގަޔާއި ކައިރީގައި ހުރި އެހެން އުޅަނދުތަކުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި މި އެކްސިޑެންޓުގެ ބައެއް ކާރުތަކާއި ސައިކަލުތައް ވެސް ގެއްލުންވެފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދިނެވެ.
ތައިލެންޑުގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ސިރިޕޮންގް އަންގްކަސަކުލްކިއަޓް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރިޕޯޓްތަކުން އެނގޭ ގޮތުގައި ބަސް ހުއްޓާފައި އޮތީ ރަސްމީކޮށް ރޭލު ހުރަސްކުރާ މަގުގެ ރަތް ބޮކި ދިއްލިފައި ހުއްޓައެވެ. އެހެންކަމުން، ރޭލު އަންނާތީ ލައްޕާ ބެރިއަރުތައް ބަންދުވުމަށް ބަސް އޮތީ ހުރަހަކަށް ވެފައެވެ.
އޭނާ ވިދާޅުވީ ކޮންޓޭނަރުތައް އުފުލަމުންދިޔަ އެ ރޭލަށް، ބަހުގައި ނުޖެހި ސަލާމަތްވާނެހާ ވަގުތު އޮއްވައި ހުއްޓާލެވޭ ގޮތް ނުވީ ކަމަށެވެ.

”މި ހާދިސާގައި އަށް މީހުން މަރުވެ 32 މީހުން ވަނީ ޒަޚަމްވެފައި. ޒަޚަމްވި މީހުންނަށް އެކި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން. މަރުވި އަށް މީހުންނަކީ ވެސް ބަހުން ދަތުރުކުރި މީހުން،“ މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާ ލޮލުން ދުށް ސައިކަލު ޓެކްސީ ޑްރައިވަރެއް ކަމަށްވާ ވަންތޮންގް ކޮކްޕޯ، ރޮއިޓާސް ނޫސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ބަސް ތާށިވީ ރަތް ބޮކި ދިއްލިފައި ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން ބަހަށް ކުރިއަށް ދެވޭގޮތް ނުވީއެވެ. އަދި ކާރުތައް ވެސް ކުރިއަށް ނުދެވި ތާށިވެފައި އޮތެވެ.
”ޖެހުނު ގޮތަށް ވަގުތުން އަލިފާންގަނޑު ރޯވީ. މިއީ އާންމު ބަންދު ނޫން ދުވަހެއް ނަމަ، ލިބުނު ގެއްލުން މިއަށްވުރެ މާ ބޮޑުވީސް،“ އޭނާ ބުންޏެވެ.
އޮފިޝަލުން ވިދާޅުވީ، އަލިފާން ނިއްވާ ފަރާތްތަކުން ފެން ޖަހައި އަލިފާންގަނޑު ކޮންޓްރޯލް ކުރަމުންދިޔައިރު، ރެސްކިއު ޓީމުތަކުން ދިޔައީ ހަލާކުވެފައިވާ އުޅަނދުތަކުގެ ތެރެއިން ޒަޚަމްވި މީހުން ނެރުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ.
މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާއިރު، ޓީމުތަކުން ދަނީ އެ ސަރަހައްދު އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބޭރުވަމުންދާ ގޭސްތައް ސާފުކޮށް، އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަލާމަތީ މިންގަނޑުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން، ތައިލެންޑުގެ މަގުތަކަކީ މުޅި ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ގިނައިން މީހުން މަރުވާ މަގުތަކުގެ ތެރޭގައި ހިމެނޭ މަގުތަކެކެވެ.



