ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް ރެސްކިއު ޓީމުން އާންމުކޮށްފިއެވެ.
ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެސް ޑައިވިންއާ ގުޅޭގޮތުން ހިނގި މި ހާދިސާއާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެންނެވެ. އޭގެ އިތުރުން ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑްގެ ޓެކްނިކަލް ޑައިވިން ޓީމު އަދި އިޓަލީގެ ފޮރިން މިނިސްޓްރީ ވެސް އޮޕަރޭޝަންގައި ބައިވެރިވިއެވެ.
އޮޕަރޭޝަންގެ ފުރަތަމަ ދުވަހު، ޑައިވިން ޓީމުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރީ ހޮހަޅައިގެ އެތެރެ ބަލައި ފާސްކުރުމަށާއި ގެއްލިފައިވާ ފީނުންތެރިން ތިބި ތަން ދެނެގަތުމަށެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ހަމަ އެ ދުވަހު ނިންމާލިއެވެ.

އޮޕަރޭޝަންގެ ދެވަނަ އަދި ތިންވަނަ ދުވަހު ޑައިވިން ޓީމުން ކުރި މަސައްކަތުން ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ހޮހަޅައިގެ ތެރެއިން ބޭރަށް ނަގާފައެވެ.
ހަތަރުވަނަ ދުވަހުގެ މަސައްކަތަކަށް ވެފައި އޮތީ ހޮހަޅައިގެ ތެރޭގައި ހުރި ހުރިހާ ސާމާނުތަކާއި އާލާތްތައް ނެގުމެވެ. އަދި އެ ތަކެތި ޓީމުން ވަނީ ދިވެހި ފުލުހުންނާ ވެސް ހަވާލުކޮށްފައެވެ.

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގި ޓީމުން ނެރުނު ބަޔާނެއްގައި އެ ހޮހަޅަ އޮތް ގޮތް ވަނީ ސިފަކޮށްދީފައެވެ.
އެގޮތުން ހޮހަޅައިގެ އެތެރެއަށް ވަދެވެނީ ބޮޑު ހުސް ތަނެއްގެ ގޮތަށް އޮންނަ ފުރަތަމަ ބައިން ކަމަށާއި މި ބައިން ފެށިގެން ދެން އޮންނަނީ ހަނި މަގަކުން ގޮސް ވަދެވޭ ދެވަނަ ބޮޑު ބައެއްކަން ބަޔާން ކޮށްފައިވެއެވެ.
ދެވަނަ ޗެމްބާއަކީ އެއްވެސް ވަރަކަށް އިރުގެ އަލިކަން ފޯރާ ތަނެއް ނޫން ކަމާއި އަދި މިތަނުގެ އަޑީގައި އޮންނަނީ ފަސޭހައިން ގުޑާ ފަދަ ވެލި ފަށަލައަކަށް ވުމުން، އެ އަށް ބުރޫއެރުމުގެ ސަބަބުން ފެންގަނޑު ކުލަބަދަލުވެ، ފެންނަ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި، ޑައިވް ކުރި ޓީމަށް ވަނީ ދެވަނަ ޗޭމްބަރުން ނުކުމެވެން ހުރި އިތުރު މަގެއް ފެނިފަ އެވެ. މި މަގު ހުރީ އެތަނަށް ވަންނަން އޮތް މައި މަގުގެ އެއްފަރާތުގަ އެވެ. ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުން ވެސް ފެނިފައިވަނީ އެ ސަރަހައްދުންނެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑައިވަރުންނަށް އެނބުރި ނުކުމެވޭނެ މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި ދެވޭ ނުދެވޭ ދިމާ ވަކިކުރަން ނޭނގުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
”މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާލަތާ ގުޅޭ އިތުރު ތަފްސީލުތައް ދެނެގަނެ ހާމަކުރާނީ ފުލުހުންނާއި ކަމާބެހޭ ތަހުގީގީ އިދާރާތަކުން. އެހެންކަމުން، މި ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އިހުތިރާމްކުރުމުގެ ގޮތުން، ކަށަވަރުނުވާ މައުލޫމާތާއި އަމިއްލަ ހިޔާލުތައް ނުފެތުރުމަށް އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކުރަން،“ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި ހޮހަޅައަށް ނުވަނުމަށެވެ. ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވާތީ، މިއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.



