ހދ. މަކުނުދޫގައި ތަރައްޤީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.
މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އެކަހެރިކޮށް އޮންނަ ރަށަކަށް ވެފައި، އެ ސަރަހައްދުގެ ކަނޑުތައް އާންމުކޮށް ގަދަވުމުގެ ސަބަބުން ދަތުރުފަތުރުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
ވަކިން ހާއްސަކޮށް ސިއްޙީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމުގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތްއިރު، އެއާޕޯޓަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލެއް ކަމަށް ރައްޔިތުން ދެކެއެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓް އެޅުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމާއި، 3493 މީޓަރުގެ ރިވެޓްމަންޓް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން 2023 ވަނަ އަހަރު ވަނީ ފަށާފައެވެ. މިހާރު އެމްޓީސީސީން ކުރިއަށްގެންދަނީ ސައިޓް ސެޓަޕް ހެދުމާއި، ފަޔަރ ސްޓޭޝަން އެޅުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތްތަކެވެ.
މަކުނުދޫ އެއާޕޯޓްގައި ކުރިން ތަރައްޤީކުރަން ނިންމާފައިވަނީ 1500 މީޓަރުގެ ރަންވޭއެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭ 1800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި އެއާޕޯޓުގެ މަސައްކަތް ނިމުމުން، އެތަން ހިންގުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
މިހާރު ހދ. އަތޮޅުގައި ހިދުމަތް ދެމުންދަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ.



