ދިވެހި ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރުގެ ބައިވެރިން މިއަދު ފުރާފައިވާއިރު ތިންވަނަ ބުރުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކާމިޔާބަށް އެދިވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1،785 ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.
އެ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން، 115 ރަށަކަށް ނިސްބަތްވާ 64 އަންހެން އަދި 288 ފިރިހެން ކުދިން ބައިވެރިވެއެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައެވެ.

ރައީސް ވިދާޅުވީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ދީނީ ތަރުބިއްޔަތާއި އަހުލާގާއި ސުލޫކުގެ އިތުރުން ލީޑަޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުންނަށް ތަމްރީނުކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ހިންގާ އެ ޕްރޮގްރާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.



