ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުބުރުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ
އީސީއިން ބުނިގޮތުގައި މި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.މި މަސައްކަތް ކުރިއަށްދާނީ އެ ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގައެވެ.
މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެ ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު އެ ސިޓީގައި ހިމަނަންޖެހޭނެއެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ މި އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގެ ދަށުން ބޭއްވޭ އިތުރުބުރެކެވެ.




