އައްޑޫ ސިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ރަމީޒު އަބްދުﷲ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނުބައި ފަޅިއަކުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، މަޑުމަޑުން ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ޖެހިގެންނެވެ. އެ ހާދިސާގައި ސައިކަލާއެކު ރަމީޒު ވިއްސައިގެން ގޮސް ވެއްޓުނުއިރު، އޭނާގެ ބޮލަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ރަމީޒު ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެބަ ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުންދިޔަ ރަމީޒު ނިޔާވިއިރު، އޭނާގެ އަންބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.



