ބާސެލޯ ނަސަންދުރާގެ ”އޮއިވަރު“ ރެސްޓޯރަންޓުގައި ސްޕެއިންގެ އައު ބުފޭއެއް ފަށާފައިވާއިރު، މިއީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސްޕެއިންގެ ސަގާފީ ކެއުންތައް ތަޖުރިބާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
މެއި 30 ގައި ފެށި މި ބުފޭ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ ރޭގަނޑު ލިބެން ހުންނާނެއެވެ. ބޮލަކަށް 40 ޑޮލަރުގެ ރޭޓުން ދޫކުރާ މި ބުފޭގައި، އެ ހޮޓަލުގެ ޝެފުން ތައްޔާރުކޮށްފައިވާ ސްޕެއިންގެ މަގުބޫލު ގިނަ ކެއުންތަކެއް ހިމެނެއެވެ.
”ސައުވީސް“ އިން ވަނީ މި ރެސްޓޯރަންޓަށް ޒިޔާރަތްކޮށް، މި ސްޕެނިޝް ބުފޭގައި ހުރި ކާއެއްޗިހީގެ ރަހަ ބަލާލާފައެވެ. އެތަނަށް ދިޔަ ވަގުތުން ފެށިގެން ލިބުނު ތަޖުރިބާ ވަރަށްވެސް ހިތްހަމަޖެހެއެވެ. ރެސްޓޯރަންޓް ތައްޔާރުކޮށްފައިވަނީ ސްޕެއިންގެ ތީމަށް ކަމަށްވާއިރު، ލައިވް މިއުޒިކް ކުޅެމުންދިއުމުން ޒިޔާރަތްކުރި ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ލިބިގެންދިޔައެވެ.
މި ބުފޭގެ އެންމެ ޚާއްޞަ އެއް ސިފައަކީ، ޝެފުން ކަސްޓަމަރުންގެ ކުރިމަތީގައި ސްޕެއިންގެ ”ޕައެޔާ“ (paella) ތައްޔާރުކޮށްދޭ ލައިވް ކުކިންގް ސްޓޭޝަނެވެ. ތާޒާކަމާއި މީރު ރަހަތަކުން ފުރިގެންވީ މި ކެއުމަކީ މެނޫގައި ހިމެނުނު އެންމެ މަގުބޫލު އެއް ބާވަތެވެ.
މީގެ އިތުރުން، ސްޕެއިންގެ މަޝްހޫރު ކެއުންތައް ކަމަށްވާ ”ކްރޮކެޓާސް“ (croquetas) އާއި ”ބީފް ކަޗޯޕޯ“ (beef cachopo) ގެ އިތުރުން ސްޕެއިންގެ އެކި ސަރަހައްދުތަކަށް ޚާއްޞަ އެހެނިހެން ގިނަ ބާވަތްތަކެއް ވެސް ބުފޭގައި ހިމެނިފައިވެއެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި މި ބުފޭގެ ކާއެއްޗިހި ތައްޔާރު ކޮށްފައިވަނީ ވަރަށް ކޮލިޓީ ފެންވަރެއްގައެވެ. އަދި ކޮންމެ ބާވަތަކުން ވެސް ތަފާތު، މީރު ރަހައެއް ލިބެއެވެ. މިއީ އާންމުކޮށް ސްޕެނިޝް ކެއުންތަކަށް ލޯބިކުރާ މީހުންނަށާއި، އަލަށް މި ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ވެސް ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި އައު ބުފޭއަކީ މާލޭގެ މާހައުލަށް ތަފާތު ބައިނަލްއަގުވާމީ ކެއުމުގެ ތަޖުރިބާތައް ގެނެސްދިނުމަށް ބާސެލޯ ނަސަންދުރާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ހޮޓަލުގެ އުންމީދަކީ މާލޭގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް، ރަށުން ބޭރަށް ނުގޮސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ކެއުމަށް ތަފާތު ކަމެއް ބޭނުންވާ ފަރާތްތަކަށް، ”އޮއިވަރު“ ރެސްޓޯރަންޓުގެ މި ސްޕެނިޝް ބުފޭއަކީ އަޖުމަ ބަލާލަން ވަރަށް ރަނގަޅު އެއްޗެކެވެ.




