ޑެންމާކާއި ޔޫކްރެއިން ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން، ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނު ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭ އަރައި މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑެންމާކް ގައުމީ ޓީމުގެ ޑޮކްޓަރު މޯޓަން ބޯސެން ބުނެފިއެވެ.
ބޯސެން ވިދާޅުވީ، މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެރިކްސަން މިހާރު ވަނީ އިތުރު ޓެސްޓުތައް ހަދަން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި މެޗުގެ 65 ވަނަ މިނެޓުގައި އުމުރުން 34 އަހަރުގެ އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން މެޗު ވަގުތުން މެދުކަނޑާލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރެފްރީ ވަނީ މެޗު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ.
އެވަގުތު ހޭނެތި ދަނަޑަށް ވެއްޓުނު ނަމަވެސް، އެރިކްސަން ދަނޑުން ފޭބިއިރު އެރިކްސަން ހުރީ އަމިއްލައަށް ހިނގާލާފައި ދެވޭ ފަދަ ހާލަތެއްގައެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްގެ ކުރީގެ މިޑްފީލްޑަރު އެރިކްސަންގެ ހިތުގެ މައްސަލައެއް ފުރަތަމަ ދިމާވީ 2021 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ ފަހަރު އޭނާގެ ހިތް ހުއްޓުމާ ގުޅިގެން، ހިތުގެ ރިދަމް ރަނގަޅު ކުރުމަށްޓަކައި ”އިމްޕްލާންޓަބަލް ކާޑިއޯވާޓާ ޑެފިބްރިލޭޓާ“ (އައިސީޑީ) އެއް ނުވަތަ ޕޭސްމޭކަރެއް ވަނީ އޭނާގެ ހިތުގައި ހަރުކޮށްފައެވެ.
އެ ހާދިސާއަށްފަހު އެރިކްސަން އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ 2022 ވަނަ އަހަރު ބްރެންޓްފޯޑާ ގުޅުމަށްފަހުއެވެ. އޭގެ ފަހުން އޭނާ ވަނީ ތިން އަހަރު ދުވަހު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައެވެ. މިދިޔަ އަހަރުގެ ޖަރުމަނުގެ ވުލްފްސްބާގާ ގުޅުނު އެރިކްސަން ވަނީ 2025-26 ގެ ސީޒަނުގައި އެ ކްލަބަށް 34 މެޗު ކުޅެދީފައެވެ.
ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މި މެޗަކީ އެރިކްސަން ގައުމީ ޓީމަށް ކުޅެދިން 151 ވަނަ މެޗެވެ.




