2026 ގެ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި ހިފަމުން އަންނައިރު، ސްޕެއިންގެ ސަޕޯޓަރުންގެ ސަމާލުކަން މިވަގުތު ހުއްޓުނީ އެގައުމުގެ ޒުވާން ސުޕަސްޓާރު ލަމީން ޔަމާލް އަށެވެ.
މުބާރާތް ފެށެން ކުޑަތަންވެފައި ވަނިކޮށް، އުމުރުން 18 އަހަރުގެ ބާސެލޯނާ ފޯވާޑް ވަނީ އޭނާގެ އާ ހެއާސްޓައިލް މީސްމީޑިއާގައި ދައްކާލާފައެވެ.
ސަޕޯޓަރުންނަށް މި ފެނިލުން ވެގެންދިޔައީ ވަރަށް ހާއްސަ ހަނދާނަކަށެވެ. ސަބަބަކީ އޭނާ މިފަހަރު ބޭނުންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އޭނާ ވިދާލިއިރު ހުރި ރަންކުލައިގެ ހައިލައިޓްސްތައް ކަމަށްވާތީއެވެ. މި ބަދަލާއެކު ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ސްޕެއިންއަށް ޔޫރޯ ކާމިޔާބުކޮށްދިން ”ޔޫރޯ ޔަމާލް“ އެނބުރި އައުމުގެ ނިޝާނެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޔަމާލްގެ މި އާ ފެނިލުމަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތާ ކުރިމަތިލާއިރު، އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރުގަދަކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.
އާ ހެއާސްޓައިލާއެކު ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ލިބުނު ނަމަވެސް، ޔަމާލްގެ ފިޓްނަސްއާ މެދު އޮތް ބިރުވެރިކަން އަދި މުޅިން ފިލައިގެން ނުދެއެވެ. ނިމިދިޔަ ސީޒަނުގެ ފަހުކޮޅު އޭނާގެ ހޭމްސްޓްރިންގް (ފައިގެ ފަލަމަސްގަނޑު) އަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅުނުވެއެވެ. އެހެންނަމަވެސް، ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ޔަމާލް ފުރިހަމައަށް ފިޓްވާނެ ކަމުގެ ފެހި ސިގްނަލެއް ދީފައެވެ.
އުމުރުގެ ޒުވާންކަމާއެކުވެސް ޔަމާލް އަކީ މިހާރު ސްޕެއިންގެ ގައުމީ ޓީމުގައި ބަދަލުނުކުރެވޭނެ ފަދަ މުހިންމު ތަރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 25 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. ޚާއްޞަކޮށް 2024 ގެ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައި، ސްޕެއިންއަށް ތަށި ނަގައިދިނުމުގައި އޭނާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ އެންމެ ފޭވަރިޓް ޓީމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ލޯތައް މިހާރު އަމާޒުވެފައިވަނީ އާ ފެނިލުމަކާއެކު ނުކުންނަން ތައްޔާރުވާ މި ޒުވާން ކުޅުންތެރިޔާއަށެވެ.




