ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް މެދުވެރިކޮށް މިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއިން ވަނީ ފަސް އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ ހަތް ގައުމަކަށް މުދާ ފޮނުވާފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 29 ކޮންޓެއިނަރުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 15 މެއި 2024 ގައެވެ.
މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް މުދާ ފޮނުވުމުގައި ބައިވެރިވެފައިވާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ސައުދިއާ، ސްވިޒް އެއާ އަދި ޓާކިޝް އެއާލައިން ހިމެނެއެވެ.
މި ހިދުމަތަކީ އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމެވެ.
މި ހިދުމަތުގެ ސަބަބުން ސަރަހައްދީ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.



