އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާ ބާވަތްތައް ގެންގުޅޭ ފަރާތްތައް އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ”ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޤަވާއިދު“ އާންމުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއިން އެކުލަވާލި މި ޤަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
މި ޤަވާއިދުގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ހުރިހާ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވާލުމަށް ވަނީ ލާޒިމްކޮށްފައެވެ. މި ޕްލޭން 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމަންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޕްލޭން އެކުލަވާލުމުގައި ތިމާވެއްޓަށާއި އިޤްތިޞާދަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކޮށް، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަން ޖެހެއެވެ.
ޤަވާއިދުގައިވާ ގޮތުން، 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން އަދި އުފެއްދުން އެކި މަރުޙަލާތަކުގައި މަނާކުރެވޭނެއެވެ. މި ބާވަތްތައް އެތެރެކޮށް ވިއްކާ ނުވަތަ އުފައްދާ ފަރާތްތައް 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީއަށް ވަނީ ދީފައެވެ.
މަނާކުރެވިފައިވާ ބާވަތްތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ދަނޑިކޮޅު ހިމެނެއެވެ. މީގެ އިތުރުން ސްޓައިރަފޯމް ފޮއްޓާއި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީއާއި، 250 މިލިލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށި، އަދި 50 މިލިލީޓަރަށްވުރެ ކުދި ފުޅީގައި ހުންނަ ޝޭމްޕޫ އާއި ސައިބޯނި ފަދަ ތަކެތި ވެސް ވަނީ މަނާކޮށްފައެވެ.
މި ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ތަކެތި ލިބެން ހުރި މިންވަރަށް ބަލައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޤަވާއިދުގައި ވަނީ ބާރުއަޅާފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެއިން ފޭސް-އައުޓް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާ އެކުގައެވެ.



