ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކާ ގުޅިގެން ޝަރީއަތް ހިންގުމަށްފަހު، އަދަބު ކަނޑައެޅުމަށް މިއަދު ހަވީރު 4:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމަވާފައެވެ.
ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ޝަމްއާން ދިރިއުޅޭ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުރި ދުވަސްވަރު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އެ އިދާރާގެ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަންތައް ހިންގައި ބިދޭސީންގެ އަތުން ފައިސާ ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.




