ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެގޮތުން މަނީ ލޯންޑްރިންގެ ދައުވާގެ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން 2 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ޝަމްއާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ހުކުމުގައި ބުނެފައިވަނީ، ބިދޭސީއެއްގެ އަތުން ފޭރިގަނެފައިވާ ކަމަށާއި އެކަމުގައި ޝަމްއާން ބައިވެރިވެފައިވާ ކަމަށެވެ. އަދި ޝަމްއާންގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތެއްގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. އަދި ބިދޭސީ މީހާ އަތުން ފޭރިގަނެގެން ހޯދި ފައިސާ ބަލައިގަނެ ޝަމްއާންގެ އަތުގައި ބަހައްޓާފައިވާ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ޝަމްއާން ދިރިއުޅޭ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުރި ދުވަސްވަރު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އެ އިދާރާގެ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަންތައް ހިންގައި ބިދޭސީންގެ އަތުން ފައިސާ ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.




