ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އީދު، ފީފާ ވޯލްޑް ކަޕް 2026 ފެށުމަށް މިހާރު ގުނަމުން މިދަނީ އެންމެ ފަހު 2 ދުވަހެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި ފަހަރުގެ މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފެނިގެންދާނެ އެންމެ ފުޅާ އަދި އެންމެ ގިނަ ގައުމު ވާދަކުރާ މުބާރާތެވެ.
މިއަހަރުގެ މުބާރާތުން ރެކޯޑް އަދަދަކަށް، އެހެން އެއްވެސް ފަހަރަކު ނުފެންނަ ވަރަށް، 48 ގައުމެއް ފެނިގެންދާނެއެވެ. އަދި 39 ދުވަހުގެ ފޯރިގަދަ މުއްދަތެއްގެ ތެރޭގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ޖިއޮގްރަފީގެ ގޮތުން އުތުރު އެމެރިކާގައި މުބާރާތް ކުރިއަށްދާތީ، ދިވެހި ބެލުންތެރިންނަށް މެޗުތައް ދައްކާ ގަޑިތަކަށް މިފަހަރު ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތަކީ ރާއްޖެއާ ގާތް ޓައިމް ޒޯނެއް ކަމުން، ގިނަ މެޗުތައް ބެލުނީ ހަވީރާއި ރޭގަނޑުގެ ފަސޭހަ ވަގުތުތަކުގައެވެ. ނަމަވެސް، މިފަހަރު އުތުރު އެމެރިކާގެ ތަފާތު ސަރަހައްދުތަކުގެ ގަޑިތަކަށް ފެތޭތީ، ރާއްޖޭގެ ގަޑިން ގިނަ މެޗުތައް ދައްކާނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 09:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.
އަދި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މެންދަމު 00:00 ގައެވެ. މުބާރާތް ހުޅުވާ މެޗު ދިވެހިންނަށް ފަސޭހަ ގަޑިއެއްގައި ބެލުނު ނަމަވެސް، ގްރޫޕް ސްޓޭޖުގެ ބޮޑުބައި ކުރިއަށްދާނީ ދަންވަރާއި ހެނދުނުގެ ވަގުތުތަކުގައެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުވުމާ އެކު، ކޮންމެ ދުވަހަކުވެސް ގިނަ މެޗުތަކެއް ފެންނާނެއެވެ. ބައެއް ދުވަސްތަކުގައި ހަތަރު މެޗުވެސް ކުޅޭނެއެވެ.
އެހެންކަމުން ބްރެޒިލް، އާޖެންޓީނާ، ފްރާންސް، އިންގްލެންޑް، ސްޕެއިން އަދި ޖަރުމަނު ފަދަ މަގުބޫލު ޓީމުތަކުގެ ދިވެހި ސަޕޯޓަރުންނަށް މެޗުތައް ދޫކޮށްނުލާ ބެލުމަށްޓަކައި ޝެޑިއުލަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.




