ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމަކީ ދިވެހި ރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫން ކަމަށާއި، އެއީ އެއްގޮތަކަށްވެސް މާފުކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އޮން މެނިފެސްޓޯ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މާޒީގައި ޖީއެމްއާރަށް ގައުމުގެ މައި ދޮރާށި (އެއާޕޯޓް) ދޫކޮށްލުމާއި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެންދިޔަ ދިޔުމަކީ ހަމައެކަނި ފާއިތުވެދިޔަ ތާރީހުގެ ވާހަކަތަކެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
އަދި އެފަދަ ނިންމުންތަކުގެ ސަބަބުން ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލު ދިވެހިން މިއަދުވެސް އުފުލަންޖެހިފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
”މި ގައުމުގެ ކަނޑުން ބައެއް ވިއްކާލިކަން ދުވަހަކުވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އެއިކީ މާފް ކުރެވޭނެ ކަމެއް ނޫން. އެއަށް ބަޔަކު އަދާކުރަން ޖެހިފައިވާ ދަރަނި ބޮޑު. އެކަމުގެ ހައްގުގައި ދިވެހި ރައްޔިތުން ނިކުމެ މި ތިބީ. އެއީ އެތައް ދުވަހަކުން އަޅުގަނޑުމެންނަށް އޭގެ އަގު އަދާކުރަން އުޅުނަސް އަދާ ނުކުރެވޭނެ ބޮޑެތި ގެއްލުންތައް ގައުމަށް ލިބިފައި ހުރި ހާލަތްތަކުގެ ވާހަކަ،“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ރައްޔިތުން ގޮތް ނިންމާއިރު، މިފަދަ ނާޒުކު ނިންމުންތައް ނިންމެވި ލީޑަރުންގެ މާޒީއަށާއި ފަސްފަހަތަށް ބަލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމަށް ބޮޑެތި ގެއްލުންތައް ދިން ފިކުރަކަށް ދެން މި ގައުމު ދޫކޮށްލެވެން ނެތް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ ’ވަލީއުލްއަމުރު‘ ކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައި ކަމަށެވެ.
ނަމަވެސް، ދިވެހި ދައުލަތުގެ ތާރީހުގައިވެސް އެންމެ ބޮޑު ދަރަންޏެއް ކާމިޔާބުކަމާއެކު އަދާކުރެއްވި ވެރިޔަކަށް މިއަދު ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.



