ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަކޮށް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ، އިޖުރާއަތުތަކާއި އުސޫލުތައް ހިންގުމުގައި އަމަލީގޮތުން ކަންކަން ކުރަންވީގޮތް ބަޔާންކޮށް މި ޚިދުމަތުގެ ފަރާތުން އެކުލަވައިލި ގަވާއިދު ”މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 2026 ޖޫން 9 ވަނަ ދުވަހު އެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011/17) ގެ ދަށުން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތި ހޯދުމާއި، އެ ތަކެތި ތަހުލީލުކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ސަބަބުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، ހުއްދަ ދިނުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލަހައްޓާނެ ގޮތުގެ އިތުރުން ރިޕޯޓްކުރާނެ ސާފު އުސޫލުތަކެއް އަދި އެކަންކަން ޖަވާބުދާރީވަނިވި ގޮތެއްގައި ކުރުމަށް މަގުފައިވާގޮތަށް ކުރުމަށް ތަހުގީގުކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.
މީގެއިތުރުން، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އެންގޭނެ ހާލަތްތަކާއި، އެންގުމުގައި އަމަލުކުރާނެގޮތާއި، ކުޑަކަމުދާ އެއްޗެހި ނެގުމާއި ތަހުލީލުކުރުމަށް ލެބޯޓްރީއަށް ފޮނުވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްދީފައިވެއެވެ.




