ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ”ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު“ ގެޒެޓުކުރީ މިއަދު އެވެ.
އެ ގަވާއިދުގެ މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި މިންގަނޑުތަކެއް ކަނޑައެޅުމާ އެކު އެ ގަވާއިދަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމެވެ.
އެ ގަވާއިދުގައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އިތުރުން އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ލޭބަލްކުރަން ޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.
ލޭބަލް ނުކޮށް އަދި އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.
އޭގެ އިތުރުން، ކާބޯތަކެތި ބަންދުކުރަން ޖެހޭ މިންގަނޑު ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
° ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ފުޑް ގްރޭޑަޑް މެޓީރިއަލްއަކުން
° ބަންދުކުރަން ބޭނުންކުރާ މެޓީރިއަލްއަކީ އޭގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެދާނެ އަދި އޭގެ ސަބަބުން ބަންދުކޮށްފައިވާ ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް ކޮށްފާނެ އެއްޗަކަށް ނުވުން
° ކާބޯތަކެތި އަޅަން ހާއްސަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލަން ހަދާފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅި، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ މަނާކަމެއް



