ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް، ފީފާ ވޯލްޑް ކަޕް 2026 އަށް ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ފޯރިނަގަމުންދާއިރު، މުބާރާތުގެ ހުރިހާ ކަމެއް އެއްތަނަކުން ބަލާލެވޭނެ ހާއްސަ ޕްލެޓްފޯމެއް ”ބޯޅަ ފޯރި“ ގެ ނަމުގައި ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި ޕްލެޓްފޯމަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ދެ ޑިޖިޓަލް މީޑިއާ ބްރޭންޑް ކަމަށްވާ ”ސައުވީސް“ އާއި ”ތީރު“ ގުޅިގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މިއީ ދިވެހި މީޑިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ޕްރައިވެޓް 2 މީޑިއާއެއް ގުޅިގެން ވޯލްޑް ކަޕަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. ފުރަތަމަ ފަހަރަށް 48 ގައުމަކުން ޖުމްލަ 104 މެޗު ކުޅޭ މި މުބާރާތުގެ ފޯރި ދިވެހި ސަޕޯޓަރުންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަކީ މި ޕްލެޓްފޯމް އުފެއްދި އެންމެ ބޮޑު ބޭނުމެވެ. ދިވެހިންނަކީ އަބަދުވެސް ވޯލްޑް ކަޕް ދުވަސްވަރު ފުޓްބޯޅައިގެ ބޮޑު ފޯރިއެއް ބާއްވާ ބަޔަކަށްވާއިރު، މި ޕްލެޓްފޯމްގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފަހުގެ މައުލޫމާތުތައް ފަސޭހަކަމާއެކު ހޯދޭނެއެވެ.
”ބޯޅަ ފޯރި“ ޕްލެޓްފޯމުން މެޗުތައް ކުޅޭނެ ތާވަލު، ނަތީޖާތައް، ގްރޫޕްތަކުގެ ރޭންކިން، ޓީމުތަކުގެ މައުލޫމާތު އަދި އެންމެ ފަހުގެ ޚަބަރުތައް ވަގުތުން ބަލާލެވޭނެއެވެ. މީގެ އިތުރުން، ހާއްސަ ރިޕޯޓުތަކާއި، ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ޕްރޮފައިލްތަކާއި، ޓީމުތަކުގެ ގައިޑްތައް ހިމެނޭ ޑިޖިޓަލް މެގަޒިން ސެކްޝަނެއްވެސް މި ޕްލެޓްފޯމުގައި ވަނީ ހިމަނާފައެވެ.

ޚަބަރުތަކުގެ އިތުރުން، ސަޕޯޓަރުން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމުގެ ގިނަ ފީޗާތަކެއްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެޗުތަކުގެ ނަތީޖާ ދިމާކުރާ ”ޕްރެޑިކްޝަން ގޭމް“ އެވެ. މުޅި މުބާރާތް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ލީޑަރބޯޑުގެ ކުރީގައި އުޅޭ ފަރާތްތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ”ސްޕޮޓް ދަ ބޯޅަ“ ގޭމް ކުޅެގެންވެސް ސަޕޯޓަރުންނަށް ސާޕްރައިޒް އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްލެޓްފޯމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭއައބޭނުންކޮށްގެން ފޭސް ޕެއިންޓް ކޮށްލެވޭ ހާއްސަ ފީޗާއެކެވެ. ސަޕޯޓަރުންނަށް އަމިއްލަ ސެލްފީއެއް އަޕްލޯޑްކޮށްލުމުން، ބޭނުންވާ ގައުމެއްގެ ދިދަ މޫނުގައި ޕެއިންޓް ކޮށްލައިގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްލެވޭނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރި ޓީމުން ބުނިގޮތުގައި ”ބޯޅަ ފޯރި“ އަކީ ހަމައެކަނި ކުޅިވަރު ޚަބަރު ގެނެސްދޭ ސައިޓެއް ނޫނެވެ.
”ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މެޗު ބެލުމެއް ނޫން. އެއީ އެކަކު އަނެކަކާ ދެކެވޭ ވާހަކަތަކާއި، ވާދަވެރިކަމާއި، މެޗުތައް ދިމާކުރުމާއި، އެންމެން އެކުވެގެން ފާހަގަކުރާ އުފާވެރިކަން. ’ބޯޅަ ފޯރި‘ މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ ދިވެހި ސަޕޯޓަރުންނަށް މުބާރާތް ބަލާލުމުގެ އިތުރުން، ކޮންމެ ދުވަހަކު އަމަލީގޮތުން މި ފޯރީގައި ބައިވެރިވެވޭނެ މާހައުލެއް ބިނާކުރަން،“ ޕްރޮޖެކްޓް ޓީމުން ހާމަކުރިއެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ މޯބައިލް ފޯނާއި، ޓެބްލެޓް އަދި ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގޮތަށެވެ.
މިހާރުން ފެށިގެން worldcup.sauvees.com އަށް ޒިޔާރަތްކޮށް، ”ބޯޅަ ފޯރި“ ޕްލެޓްފޯމްގެ ތަޖުރިބާ ހޯދައި، ވޯލްޑް ކަޕްގެ ކައުންޓްޑައުންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



