ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ އިން ޗީފްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ލުއީސް އަރބަރއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާ މިމަޤާމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުޙަބާ ވިދާޅުވިއެވެ.
އަދި އައު ގަވަރނަރ ޖެނެރަލްގެ ދައުރުގައި ކެނެޑާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމަށާއި ދެޤައުމުގެ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމައަށް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގަވަރނަރ ޖެނެރަލްއަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްޙައާއި ކުރިއެރުމަށްވެސް އެދިވަޑައިގެންނެވިއެވެ.


