އަހަރުގެ މިހާތަނަށް ސްކޭމް ނުވަތަ މަކަރާއި ހީލަތުގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ސްކޭމްގެ 954 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި މި މައްސަލަތަކުގައި ޖުމްލަ 9,212,916.93 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 3,242,609.91 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
އެންމެ ގިނައީ އީ-ކޮމާސް ސްކޭމްތައް
ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެ ބާވަތުގެ 535 މައްސަލައެއް މިހާތަނަށް ވަނީ ރިޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައީ އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލަތަކެވެ. އެއީ 157 މައްސަލައެވެ. މީގެ އިތުރުން ފައިސާ މާރުކުރުމުގެ 144 މައްސަލައަކާއި، ސައްހަނޫން މުއާމަލާތްތަކުގެ 57 މައްސަލައެއް ހިމެނެއެވެ.
ސްކޭމް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިން މެސެޖިންގ މަންސަތަކުގެ އިތުރުން ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސްކަން ފުލުހުން ފާހަގަކުރެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެޕްލިކޭޝަންތަކުގައި ’ޓޫ ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުމަކީ ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
ސްކޭމަރުންނަށް ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށް ފާހަގަކޮށް ފުލުހުން ބުނީ މައްސަލަ ދިމާވާތާ ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމުން ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމަށް ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމަށް ފުލުހުން ބުނެފައިވެއެވެ.




