ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިޤު (ސޯބެ) މަޤާމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ޢަބްދުﷲ ޞާދިޤު މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސްކުރާ ގޭގައި ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޞާދިޤު މި ގޮނޑި ކާމިޔާބު ކުރެއްވީ 1,375 ވޯޓު ހޯއްދަވައިގެންނެވެ. ސޯބެއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސައީދަށް ލިބިވަޑައިގެންނެވީ 1,313 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. ސޯބެ ވަނީ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް ސޯބެ ވަނީ ފުރުއްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވުމާ ގުޅިގެން، ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ.



